ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ސަނީލޭންޑް އިންވެސްޓްމަންޓާ ޙަވާލުކޮށްފި އެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ބޭއްވި ރަސްމިއްޔާތެއްގައި، ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ސަނީލޭންޑް އިންވެސްޓްމަންޓާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރެވޭނީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫގައެވެ.
މި މަޝްރޫޢަކީ ތިމާވެއްޓާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 3 ގެ ރަށްތަކުގައި ހިންގޭ މަޝްރޫޢެކެވެ. މި ޕްރޮޖެކްޓްގެ މަޤްޞަދަކީ ކ. އއ. އދ. އަދި ވ. އަތޮޅުގެ ރަށްތަކުގައި ދެމެހެއްޓެނިވި އަދި ވަށާޖެހޭ އުސޫލަކުން ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.
މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކަށް އެކަށޭނަ ކުނި މެނޭޖްކުރާނެ ނިޒާމެއް ޤާއިމްކޮށްދިނުން ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށާއި، އިތުރު ރަށްތަކުގައިވެސް ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް ޙަވާލުކުރެވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ލަސްނުކޮށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާރުވެސް ބައެއް ރަށްރަށަށް އާލަތްތައް ފޯރުކޮށްދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރާ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިލައްވާފައެވެ.
“ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމްކުރުން. ޤަބޫލްކުރަން ކުންފުނިތަކުން ލަސްނުކޮށް ސައިޓް ހޓް ހަވާލުކުރުމުން މަސައްކަތް ފަށާނެކަމަށް.” ވަޒީރު ވިދާޅުވިއެވެ.

