މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން 2000 އަށްވުރެ ގިނަ ވޭޕުގެ ސާމާނު އަތުލައިގަތް ކަމަށް މިއަދު އެ އިދާރާއިން ހާމަކޮށްފިއެވެ. މި ތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އަތުލައިގަތް ތަކެތީގެ ތެރޭގައި 2008 ވޭޕުގެ ސާމާނު ހިމެނެއެވެއެވެ. މިއީ ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް މަނާކުރެވިފައިވާ ތަކެއްޗެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އޭގެ ފަހުން ވޭޕު ބޭނުންކުރި ބައެއް މީހުންނާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވެއެވެ. އަދި މާލޭގައި ވޭޕު ވިއްކަމުން ދިޔަ ބިދޭސީއަކު ވެސް މިފަހުން ވަނީ ހައްޔަރުކޮށްފައެވެ.
ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވޭޕު ބޭނުންކުރުމާއި، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބެހުމަށްވެސް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން:
– ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
– އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
– އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
– އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
– އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

