ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިނގިރޭސިވިލާތުގައި އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރުމަށް މެރިޓް ބޭސްޑް ސްކޮލަރޝިޕްގެ ތިން ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލާފައިވަނީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގައާއި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ޖާގައެވެ. މި ފުރުސަތުތަކަށް ކުރިމަތިލެވޭނީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޮލަރޝިޕްތަކަށް އެދި ހުށަހެޅޭނީ ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އަދި ކޮމްޕިއުޓަރ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ އޭސްޓަރ އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއްވަރުގެ އައިބީ ސެޓްފިކޭޝަނެއް އޮތް ފަރާތްތަކަށެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހޮވޭ ދަރިވަރުންނަށް ކޯސްފީގެ އިތުރުން ސްޓައިޕަންޑް، ވިސާ ފީ، ދެކޮޅު ޓިކެޓް، ފޮތްތައް ގަތުމަށް ދެވޭ އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް ލިބޭނެއެވެ. ހަމަމިއާއެކު ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓަރންޝިޕް ފުރިހަމަކުރަން ޖެހޭނެއެވެ.
ކޯސް ނިންމުމަށްފަހު ދަރިވަރުން ސްޓެލްކޯއަށް ޚިދުމަތްކުރަން ޖެހޭނެއެވެ. މި ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.

