އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ސިވިލް ކޯޓަށް މަދަނީ ދައުވާއެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގައި މެޑަމް ސާޖިދާގެ ފަރާތުން ވަކާލާތުކުރައްވާ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނީ، މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާތީ ކަމަށެވެ. މީގެއިތުރުން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގެ ފަހަތުގައިވަނީ، ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް އެމްޑީޕީގެ މުޒާހަރާއެއްގައި މަރިޔަމް ޒުބައިރު ކުރި ތުހުމަތެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙަންމަދު މުޢިއްޒުގެ ކަރާމާތަށް އަރައިގަނެ، ދޮގު ވާހަކަތަކެއް ފަތުރާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީއެވެ.
މި މައްސަލާގައި މަންދީގެ މައްޗަށް މަދަނީ ދައުވާކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޢުމައިރު މުހައްމަދު މުޢިއްޒުގެ މަންމާފުޅު، ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުންނެވެ.
އެހެންނަމަވެސް، އެމްޑީޕީން ބުނެފައިވަނީ މަރިޔަމް ޒުބައިރު ވާހަކަދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި، ކުއްޖާގެ ޒާތީ މަޢުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން، ރައީސްގެ ދަރިކަނބަލުންގެ ކަރާމާތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމާފައެވެ. އެމްޑީޕީން ގެންދަނީ މަރިޔަމް ޒުބައިރުގެ އަމަލުތައް ދިފާޢުކޮށް،ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައިވާ އަބްދުﷲ ޝާހިދު ވަނީ ކުޑަކުއްޖަކަށް ފުރައްސާރަކޮށް، ނަފްރަތު އުފައްދަން ހިންގި އަމަލު ދިފާއުކޮށް ވާހަކަދައްކަވާފައެވެ. ކުރީގެ ރައީސް ސާލިހުއާއި ޝާހިދު ވިދާޅުވާ ގޮތުން އެމްޑީޕީގެ އަމަލުތަކަކީ ޑިމޮކްރަސީގެ ދިފާޢުގައި ކުރަމުންދާ މަސައްކަތްތަކެކެވެ.
ކުޑަކުއްޖެއްގެ ހައްޤަށް އަރައިގަނެ، ކަރާމާތް ނަގާލުމަކީ އެމްޑީޕީއަށް މައްސަލައަކަށް ނުވިނަމަވެސް، އެހެން ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ދަނީ އެކަން ކުށްވެރިކުރަމުންނެވެ.

