އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު އާ ނިޒާމެއް ތަޢާރަފުކޮށްފިއެވެ. މި ނިޒާމުގެ ދަށުން، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ނަގުދު ފައިސާ ވަޤުފު ކުރެވޭނެއެވެ. މިއީ ވުޒާރާގެ ވަޤުފު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ މުހިންމު ބަދަލެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި އައު ނިޒާމުގެ ދަށުން ކޭޝް ވަޤުފުން އިންވެސްޓްކޮށް، އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރެވޭނެއެވެ. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަޤުދު ފައިސާ ވަޤުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވިފައެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ވަޤުފު ފަންޑަށް ޞަދަޤާތާއި ޚައިރާތާއި ހިބައާއި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެއެވެ. މި ބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެން ދާނީ ކޭޝް ވަޤުފާ ވަކިން، ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ. މި ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުކަމަށާއި، މި ފަންޑު ފަށަނީ 15 މިލިޔަން ރުފިޔާގެ ފަންޑަކާއެކުކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.
މި އުޞޫލުގެ މައިގަނޑު މަޤްޞަދުތައް:
- ފަންޑުގެ ވަޤްފުގެ ރުކުންތައް ބަޔާންކުރުން
- ފަންޑުގެ ނާޒިރާއި އެ ފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން
- ފަންޑުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް ދެވޭނެ އެހީ ބަޔާންކުރުން
- ފަންޑުން އެހީ ދޫކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުން
- ފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި ހާލަތްތައް ކަނޑައެޅުން
- ވަޤްފެއްކަން ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ އުސޫލެއް އެކަށައެޅުން
މި އުޞޫލުގެ ދަށުން، ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވުމަށްދޭ ފައިސާ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުންކުރަން ޖެހެންދެން ޖަމާކޮށްފައި ބަހައްޓަންވާނީ މި ފަންޑުގައެވެ.

