އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ހއ. ހދ އަދި ށ އަތޮޅުގައި ގާއިމްކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި މަސައްކަތުގެ ތެރެއިން، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާ ހަވާލުކުރުމަށްޓަކައި، އެ ވުޒާރާއާއި ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާއާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް އިއްޔެ މެންދުރު އޮންލައިން ބައްދަލުވުމެއް ބޭއްވިއެވެ.
މި ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން 1ގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވިއެވެ. އަދި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން، ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު އަދި ޕްލޭނިންގ ޑިޕާޓްމަންޓް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން މިނިސްޓްރީގެ އިސްވެރިންނާއި ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިއްޔެ ވަނީ ހއ، ހދ އަދި ށ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ފަހުމުނާމާ ފޮނުވާފައެވެ.

