ރާއްޖޭގައި އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޢާއިލާއަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާމަރުކަޒީ ނިޒާމުގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށާއި އަދި އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވަމުންނެވެ.
ޕީއެސްއެމަށް ދެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރ ވިދާޅުވި ގޮތުގައި، މި މިންގަނޑު އެކުލަވާލުމުގައި އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުމާއި، އިޤްތިޞާދީ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އިސްކަންދިނުން ހިމެނެއެވެ. މީގެއިތުރުން، ޞިއްޙަތާއި ދުޅަހެޔޮކަމާއި، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީއަށްވެސް އިސްކަންދެވޭނެއެވެ.
“ޓެކްނޮލޮޖީއާއި މީޑިއާގެ ބޭނުންކުރުމާއި، ސަޤާފަތާއި އާދަކާދަ ދިރުވުމުގެ އިތުރުން އަމާންކަމާއި ރައްކާތެރިކަމުގެ ވެށްޓެއް ޤާއިމްކުރުމާއި، މުޖުތަމަޢުގެ ބަދަހިކަމަށް އިސްކަންދީގެން މަސައްކަތްކުރުން ހިމެނޭ” ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝަރީފު ވަނީ، ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން މިންކުރެވޭނެ އިންޑިކޭޓަރތަކެއް ތައްޔާރުކުރެވި، އެކަން ތަންފީޒުކުރެވޭނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.

