ފަލަސްތީނުގެ އުތުރާއި ދެކުނަށް އިޒްރޭލުން ރޭ ފަތިހު ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 71 ޝަހީދުކޮށްލައިފިއެވެ.
މިއާއެކު، 3 ދުވަސް ތެރޭ 436 މީހުން ޝަހީދުވެފައިވާ އޭގެ ތެރޭގައި 183 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގައި ހަމާސްއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުމުގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބޮޑު އަދި ވަރުގަދަ ސިފައިންގެ ފްރަންޓެއް ގާއިމް ކުރުމުގެ އިންޒާރު ދީފައެވެ.
ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އިޒްރޭލުން ކުރަމުންދާ މި އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 49،547 ކުށެއް ނެތް ރައްޔިތުން ޝަހީދުވެ، 112،719 މީހުން ޒަޚަމްވެފައިވެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ޝަހީދުވި މީހުންގެ އަދަދު 61،700 އަށް ވުރެ މައްޗަށް އަޕްޑޭޓްކޮށް، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

