ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދަ ދިނުމުގައި ގެންގުޅުނު އުސޫލު ބަދަލުކޮށް، އަލުން އާސަންދަ ދޭން ފަށައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނެވުނު ބަދަލަކަށްފަހު އަލުން ގެނެވުނު ބަދަލެކެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އައު އުސޫލުގެ ދަށުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެނދުމަތިނުވެ ހޯދާ ސިއްޚީ ޚިދުމަތްތަކަށް އިންޝުއަރެންސް ބޭނުންކުރުމާއެކު އާސަންދަ ސްކީމުން ޚިދުމަތަށް ކަނޑައަޅާފައިވާ އަދަދު ލިބޭނެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
އާސަންދަ ކުންފުނިން މަޢުލޫމާތު ދެއްވާގޮތުގައި، “ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ޚިދުމަތް ހޯދާއިރު އެންމެ ފުރަތަމަ ޗާޖްކުރާނީ އިންޝުއަރެންސް ޕްލޭނުން ފޯރުކޮށްދޭ މިންވަރަށް. އެއާއެކު އިންޝުއަރެންސް ޕްލޭން ކަވަރުކުރާ މިންވަރަށްވުރެ އިތުރުވާ އަދަދު އާސަންދައިން ފޯރުކޮށްދޭނެ.”
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގެނެވުނު ބަދަލުގައި، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭގޮތަށް ހަމަޖެހިފައިވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިހާރު ގެނެވުނު އައު ބަދަލާއެކު، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖެހި، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

