މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާއި ލޯބި ބޭނުންވާ ފަރާތްތަކަށް ހޭހަންކޮށްދިނުމުގައި ސަރުކާރާއި ރައްޔިތުން މަސައްކަތްކުރާނީ އަތުގުޅާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މިފަދައިން ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، “އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް” ކަމަށެވެ. އަދި މުޖުތަމަޢުގެ ޚާއްޞަ އަޅައިލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި ޢާއިލާއަކަށް އެހީތެރިވުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރަކީ “އިމްޕްރޫވް އަވަރ ސަޕޯޓް ސިސްޓަމް” އެވެ. މި ޝިޢާރުގެ މަޤްޞަދަކީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ބޭނުންވާ އެކަށީގެންވާ ފަރުވާއާއި، ތަޢުލީމާއި އެހެނިހެން ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޭނުންވާ އެހީތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރުމެވެ.
ޑައުން ސިންޑްރޯމްއަކީ އުފަންވުމުގައި ދިމާވާ ކްރޮމޮޒޯމްގެ އުނިކަމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ފަހަކަށް އައިސް އުފެދުމުގައި އުނިކަން ހުންނަ ކުދިންގެ ނިސްބަތް އިތުރުވަމުންދާއިރު، އޭގެ ތެރޭގައި ޑައުން ސިންޑްރޯމް ކުދިންގެ އަދަދުވެސް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މި ބައްޔާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. އަދި މިފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރުމެވެ

