ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 137.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަހުމީ ދެއްކެވި ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ފާއިތުވި 7 އަހަރުގެ ތެރެއިން ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. 2023 ވަނަ އަހަރު 171.9 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބުނު ނަމަވެސް، މިދިޔަ އަހަރު ވަނީ 180.2 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
“މިދިޔަ އަހަރު ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވެފައިވަނީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއެކު އިސްރާފުކުރުން ކުޑަކޮށް، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ހަރުދަނާގޮތެއްގައި ހިފުމުގެ ސަބަބުން،” ފަހުމީ ވިދާޅުވިއެވެ.
2018 އިން 2020 އަށް ސްޓެލްކޯގެ ފައިދާ އިތުރުވަމުން ގޮސް، 2020 ގައި 130 މިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. ނަމަވެސް 2021 ވަނަ އަހަރު ފައިދާ 19.5 އިންސައްތަ ދަށްވެ، 104.7 މިލިޔަން ރުފިޔާއަށް ވެއްޓުނެވެ. 2022 ގައި ކުޑަ ކުރިއެރުމެއް ލިބި، 106.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނީގެ ގޮތުގައި ސްޓެލްކޯއިން 35 ޕަވަރ ޕްލާންޓް އޮޕަރޭޓްކުރަމުންދެއެވެ. މާލެ ސަރަހައްދުގެ އިތުރުން އއ، އދ، އަދި ކ އަތޮޅުގެ ރަށްތަކަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

