ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 1.5 ކިލޯއަށް ވުރެ ގިނަ އެއްޗަކާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުޙައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39އ) އާއި ވ. ރަކީދޫ / ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35އ) އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާފަންނު ސަރަހައްދުގެ އެޕާޓްމަންޓެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޠިބާޤް އާއި ފަރީދާ ޢަބްދުއްރަޙްމާން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ޝާނީޒް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

