އުމުރު ހަމަނުވަނީސް ކުށުގެ ވެށްޓަށް ނުކުމެ، އެކިކަހަލަ ކުށުން ހަލާކުވަމުންދާ ކުޑަކުދިން، ކުށުގެ ވެށިން ސަލާމަތް ކޮށް މުޖުތަމައަށް ނެރުމަށްޓަކައި އެކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ކުރިން ދ. ވާނީގައި އަޅަން ނިންމާފައިވާ “ހޯޕް އައިލެންޑް” މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން، މި މަޝްރޫއަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހޭދަކުރާނެއެވެ. އަދި ހޯޕް އައިލެންޑް ތަރައްގީ ކުރުމަށް އިތުރު 15 މިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ކަނޑައަޅާފައެވެ.
އުތުރު ތިލަފަޅުގައި ހިންގުމަށް ރޭވިފައިވާ މަޝްރޫއުތަކުގެ ތެރޭގައި
- ސެންޓްރަލް ޖަލު އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމާއި
- ޖަލު ތަރައްގީ ކުރުން
- މި ދެ މަޝްރޫއަށް ޖުމްލަ 30 މިލިއަން ޑޮލަރު ހޭދަކުރުމަށް- ކަނޑައަޅާފައިވޭ
ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާއިރު މި މަރުކަޒުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރު ފުރުމުން ފުލުހުންގެ ނުވަތަ ސިފައިންގެ ހިދުމަތަށް ވެއްދުމާއެކު، ވަކި މުއްދަތަކަށްފަހު އެ ކުދިން ބޭނުންވާ ދާއިރާތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް މީގެ ކުރިން ސަރުކާރު ންވަނީ ބުނެފަައެވެ.
މި މަޝްރޫއުތައް ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ 25 މުހިއްމު ޕްރޮޖެކްޓްތަކުގެ ތެރޭގައެވެ.

