އިސްތަށިގަނޑާއި މޫނު ރީތިކޮށް، ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް ކުރާ މަަސައްކަތް ފައިތިލައާއި ފިޔަވަޅާއި ފައިގެ އިނގިލިތަކުގެ ނިޔަފަތިތައް ރީތިކޮށް ބެހެއްޓުމަށްވެސް ނުކުރެވުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެން ވާން ޖެހެނީ ގިނަ ފަހަރު ލައިގެން ހުންނަ ފައިވާން ނުވަތަ ބޫޓުގެ ރީތިކަމުން ފައިތިލަ ފޮރުވިފައި ހުންނާތީ ކަމަށްވެދާނެއެވެ.
އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަންތަކުގެ ތެރޭގައި ފައިތިލަ ހިމެނެއެވެ. ނަމަވެސް، ގިނަ މީހުންނަށް މި ގުނަވަނުގެ މުހިންމުކަން އިހުސާސްކުރެވެނީ އެއްވެސް ކަހަލަ ބައްޔެއް ޖެހުމުންނެވެ. އެހެންކަމުން، ފައިތިލައަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި ގިނަ މީހުން ފަރުވާކުޑަކުރާކަން ފާހަގަކުރެވެއެވެ.
ފައިތިލައިގެ ބަލިތައް ޖެހޭ ސަބަބުތައް: ފައިތިލައިގެ ބަލިތައް ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
- ނުސާފު ފައިވާން ބޭނުންކުރުން
- ފައިތިލައަށް އެކަށީގެންވާ ސަމާލުކަން ނުދިނުން
- ހިރަފުހާއި ކުނިބުނިން ތަޣައްޔަރުވެފައިވާ މާހައުލުގައި ހިނގާބިނގާވެ އުޅުން
- ފައިވާން ސާފުނުކުރުން

ފައިތިލަ ފަޅައިގެން ދިއުމުގެ ނިޝާންތައް
ފައިތިލަ ފަޅައިގެން ދިއުމުގެ ފުރަތަމަ ނިޝާނަކީ ފައިތިލައިގެ ހަންގަނޑު ބޯވާން ފެށުމެވެ. މި ހާލަތުގައި އަވަހަށް ފަރުވާ ނުހޯދައިފިނަމަ، ފައިތިލަ ފަޅައިގެން ގޮސް އިތުރު ބަލިތަކަށް މަގުފަހިވެގެން ދެއެވެ.
ގޭގައި ތައްޔާރުކުރެވޭ ފަރުވާ: ފައިތިލަ ފަޅައިގެން ދިއުމުގެ މައްސަލައަށް ގޭގައި ތައްޔާރުކުރެވޭ ފަރުވާއެއް ބޭނުންކުރެވިދާނެއެވެ. މި ފަރުވާއަށް ބޭނުންވަނީ:
- ލުނބޯ ޖޫސް
- އެސްޕިރިން
- ޕިއުމިސް ސްޓޯން (ފައި ގާނަން ގެންގުޅޭ ގާ)
ފަރުވާ ދޭނެ ގޮތް
- އެސްޕިރިން ހިމުންކޮށް މުގުރާލުމަށްފަހު ލުނބޯ ޖޫހާއެކު އެއްކޮށްލާށެވެ.
- ފައިތިލަ ރަނގަޅަށް ދޮވެ ސާފުކުރުމަށްފަހު، މިޝްރަބު އުނގުޅާ 30 މިނެޓަށް ބަހައްޓާށެވެ.
- ފެންވަރައި ސާފުކުރުމަށްފަހު، ޕިއުމިސް ސްޓޯނުން މަޑުމަޑުން ގާނާލާށެވެ.
- އެންމެ ފަހުން ފެންވަރައި ހިއްކާލާށެވެ.

ރައްކާތެރިވުމުގެ ފިޔަވަޅުތައް؛ ފައިތިލައިގެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
- ކޮންމެ ދުވަހަކު ފައިވާން ސާފުކުރުން
- ފައިތިލަ ރަނގަޅަށް ދޮވެ ސާފުކުރުން
- ސާފު ފައިވާން ބޭނުންކުރުން
- ފައިތިލައިގެ ހަން ބޯވާން ފަށައިފިނަމަ އަވަހަށް ފަރުވާ ހޯދުން.
ފައިތިލައިގެ ބަލިތަކަކީ ފަސޭހައިން ފަރުވާކުރެވިދާނެ ބަލިތަކެކެވެ. ނަމަވެސް، މި ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ފައިތިލައަށް އެކަށީގެންވާ ސަމާލުކަން ދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

