މި އަހަރުގެ ބަރަކާތްތެރި ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފަށައިފިއެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލައި، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލޭގައި ޚާއްޞަ ޙަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ އާދަމް ޝަރީފު ފާހަގަކުރެއްވި ގޮތުގައި ޢީދަށް ދިއްލުމުގެ ޙަރަކާތަކީ “ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެއް” ކަމަށާއި، މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި މިދިޔަ އަހަރު ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ހާމަކުރެއްވި ގޮތުގައި މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރުގެ ފިޠުރުޢީދުގައި ދިއްލައިލެވޭނެއެވެ. އަދި އަލަށް ދިއްލޭ ރަށްތަކަށް ބޭނުންވާ ލައިޓްތަކާއި ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
“ޢީދު އަލި” ދިއްލުމުގެ މައި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

