މިދިޔަ ބުދަ ދުވަހު މަސްކިރުވި ދޯނިތަކަށް 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ޖަމާކޮށްދީފިއެވެ. މިކަން މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު 40 ދޯންޏަކުން މަސް ކިރާފައިވެއެވެ. އަދި އެ ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް 3.5 މިލިޔަން ރުފިޔާއަށް އަރާކަމަށާއި، އެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި ބީއެމްއެލް ނޫން ބޭންކް ޓްރާންސްފާތައް މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:30ގައި ޖަމާކުރާނެކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުން ދާކަން ފާހަގަކުރެވެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އައު އުސޫލުގެ ސަބަބުން މަސްވެރިންނަށް ލުއިފަސޭހަވެ، މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

