ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް، ކްރިމިނަލް ކޯޓުން މުއްދަތު އިތުރުކޮށްފިއެވެ.
ހުޅުމާލެ ފޭސް 1 އިން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު އަންހެން މީހާގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު 30 ދުވަހަށް އިތުރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކުރިއިރު، 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ އެތަނުން ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގައި މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އިތުރު 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު އިތުރު 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ.

