މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ. ޝަމްޢާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާގޮތުން، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ މަސައްކަތް އާންމުކޮށް ކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުންތަކެއް، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެތަނުން ބިދޭސީން ގިނަ އަދަދެއްގެ ފައިސާއާއެކު ގެންގޮސްފައިވެއެވެ.
ފުލުހުން ބުނީ "ޝައްމާނުގެ އަމުރަށް 530,000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ޝަމްޢާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަޤާމުން ވަކިކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

