ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތީ) ނިޔާވެއްޖެއެވެ. ސާންތީ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ކާމިޔާބީ ކަމުގައިވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރެއްވި ސާންތީ، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމާއި، ޤައުމީ ކުޅިވަރު މަޖިލީހުގެ މެންބަރުކަންވެސް އަދާކުރައްވާފައިވެއެވެ.
ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި، އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވި ސާންތީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފްޑި މިޝަންގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި ކެންސަރު ބައްޔާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުން ގެންދިޔަ ސާންތީ، 2023 ވަނަ އަހަރު ބަލިޙާލަތު ގޯސްވުމާ ގުޅިގެން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވިއެވެ. ނަމަވެސް އޭގެފަހުންވެސް އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުކަން އަދާކުރުމާއެކު، 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗިން ސްޓާފަށް އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.
ކޯޗިންގ ދާއިރާގައި ޒުވާން ކުޅުންތެރިން ތަރައްޤީކުރުމުގެ ޚާއްޞަ ހުނަރު ލިބިފައިވާ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ ސާންތީ، މިހާރުގެ ޤައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިން ބިނާކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. ސާންތީގެ ހިދުމަތްތައް ގެއްލުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންވިޔަސް ސާންތީ ވަނީ އެހުނަރާއި ކުޅިވަރަށް ހުންނަވާ އެލޯބީގެ ބައެއް އޭނާގެ ދަރިވަރުން މެދުވެރިކޮށް ދޫކުރައްވާފައެވެ.

