ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތަކާ ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހުރި މައްސަލަތައް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސް ޑރ މުޢިއްޒު ވަނީ ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓުތަކެއް ބައްލަވާލައްވައި، އެވަގުތު ޚިދުމަތް ހޯދަމުންދިޔަ ކުދިންނާއި އެކުދިންގެ އާއިލާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއައްސަވާފައެވެ. އަދި މި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ތެލަސީމިއާ ކުދިންގެ ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރތަކުގެ މައްސަލައަކީ މިވަގުތު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެވިފައިވާ މައްސަލައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފިލްޓަރތައް އުފައްދާ ބޭރުގެ ކުންފުނި ވިއްކާލުމާ ގުޅިގެން ހިމޮނޮޓިކްސް ބްލަޑް ފިލްޓަރ އުފެއްދުން ވަނީ ހުއްޓާލާފައެވެ.
މި މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން، އެލެކްސް މެޝިންގެ ކިޓް ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް ކުރިއަށްދާ ކަމަށް އެމްބީއެސްއިން ވިދާޅުވެފައިވެއެވެ. އަދި ކުރިން ބޭނުންކުރަމުންދިޔަ ބާވަތުގެ ފިލްޓަރ މި އަހަރުގެ މެއި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަޕްލަޔަރުން އަންގާފައިވާ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން، ތެލަސީމިއާ ކުދިންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޕްރީސްޓޯރޭޖް ފިލްޓަރޭޝަން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވަނީ ފާހަގަކުރައްވާފައެވެ.

