ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހޯދުމަށް ކަނޑައަޅައި، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިރުޝާދު ދެއްވައިފިއެވެ.
ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާ ގުޅިގެން ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް ރައީސް ޑރ މުޢިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަނުގެ ހާލަތު އޮޅުންފިލުއްވައި، ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ ތަންވެސް ބައްލަވާލެއްވިއެވެ.
2017 އިން ފެށިގެން ޑިރެކްޓަރ ޖެނެރަލެއް ނެތި ހިންގަމުން އައި ސެންޓަރަށް އައު ޑިރެކްޓަރ ޖެނެރަލެއް އައްޔަންކުރުމަށާއި، ނަރުހުންނާއި، ސީނިއަރ ފިޒީޝަނެއް، އަދި ލެބޯޓްރީ ޓެކްނީޝަނުން ފަދަ މުހިންމު މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ވަނީ ނިންމަވާފައެވެ. މި ހުރިހާ ކަމަކަށް ބޭނުންވާ ފައިސާގެ އެއްވެސް ދަތިކަމެއް ނޯންނާނެކަމަށް މާލީ ވަޒީރު ޔަގީންކަން ދެއްވާފައިވެއެވެ.
ހުޅުމާލޭގައި ތެލަސީމިއާގެ ފަރުވާއަށް ޚާއްޞަ، ވަސީލަތްތައް ފުރިހަމަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް ރައީސް އަންގަވާފައިވެއެވެ. އަދި އެތަނަށް ދަތުރުކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފައެވެ. ތެލަސީމިއާ ކުދިންނާއި އާއިލާތަކަށް ހުރި ހުރިހާ ދަތިތަކެއް ހައްލުކުރުމުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
“ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް އިމީޑިއޭޓްލީ ހޯދަން އަޅުގަނޑުވާނީ މަޝްވަރާކޮށް ދަންނަވާފައި،” ރައީސް ޑރ ޑރ މުޢިއްޒު ވިދާޅުވިއެވެ.
މި މަޝްވަރާތަކުގައި މާލީ ވަޒީރުވެސް ބައިވެރިވެވަޑައިގެން، ހުރިހާ މައްސަލައެއް ހައްލުކުރުމަށް ފައިސާގެ ގޮތުން އެއްވެސް ދަތިކަމެއް ނޯންނާނެކަމަށް ވަނީ ޔަގީންކަން ދެއްވާފައެވެ. އަދި މި ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ވަކި މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

