މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާކޮށްފިއެވެ.
ނަމަވެސް މި މައްސަލައިގައި ފުރުން މަނާކުރެވުނު ފަރާތްތަކުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދުގެ އިތުރުން އެ މުއައްސަސާގެ އިތުރު ތިން މުވައްޒަފަކު ހައްޔަރުކޮށްފައެވެ. ޝަމްޢާންގެ ބަންދު މުއްދަތުގެ ގޮތުގައި ވަނީ 15 ދުވަސް ކަނޑައަޅާފައެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރުމަށްފަހު، އެތަނުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ އެއް ދުވަސް ފަހުން، އޭރުގެ ކޮންޓްރޯލަރ ޖެނެރަލްގެ އަމުރަށް 530,000 ދިވެހި ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ތަޙުޤީޤާ ގުޅިގެން ކުރީގެ ކޮންޓްރޯލަރ ޝަމްޢާންގެ އާއިލީ މެންބަރެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

