މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުން ދިޔަ 23 އަހަރުގެ ޒުވާނެއް މިއަދު މަރުވެއްޖެއެވެ. މަރުވި ޤައިދީއަކީ ސ. މަރަދޫ ފޯ ފްލާވަރ، އިބްރާހިމް ޝަމްވީލެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރި ގޮތުގައި، މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލް ފެނުނީ އޭނާގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމާއެކު ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް 4:55 ގައި އިބްރާހިމް ޝަމްވީލް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.
އިބްރާހިމް ޝަމްވީލަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ މި ހާދިސާއާ ގުޅޭ މަޢުލޫމާތު ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އަންގާފައެވެ. މިގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި މައްސަލަ ވަނީ އަންގާފައެވެ. އަދި މަރުހޫމްގެ ޢާއިލާއަށްވެސް މި ހިތާމަވެރި ޚަބަރު ވަނީ އަންގާފައެވެ.

