8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައި ވަނީ، ބައެއް ފަރާތްތަކުން ސިޔާސީ މަންފާއެއް ހޯދުމަށް މިފަދަ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި މި ވާހަކަތަކުގައި އިޝާރާތް ކުރާ ފްލެޓަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އަހަރުތަކެއް ކުރިން އޭނާ ގަނެ ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއްކަން ހާމަކުރެއްވިއެވެ.
“ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސް ކުރަން،” ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވެފައިވަނީ، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެ ބުނާ ފުލެޓެއްގެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރައްވާކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

