ހީނާމާގޭ ޕާކިން ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މަޢުލޫމާތު ހާމަ ކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަނުން އެކްސްގައި މަޢުލޫމާތު ދީފައިވާ ގޮތުގައި، މި 5 ބިދޭސީން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހީނާމާގޭ ޕާކިންގ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
މިއީ މި ސަރަޙައްދުން ބިދޭސީން ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖެނުއަރީމަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ހީނާމާގޭ ޕާކިން ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ދަށަށް ގެނެސްފައެވެ. ހީނާމާގޭ ޕާކިންގ ސަރަޙައްދަކީ އެކި މަސައްކަތްތަކަށް ގިނަ އަދަދަކަށް ބިދޭސީން ޖަމާވާ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.
އިމިގްރޭޝަނުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ. މީގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

