ޢީދު އަލިން އަތޮޅުތެރެ ދިއްލައިލުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުލަސްޓަރ 1ގެ ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ކުލަސްޓަރ 1ގެ އެގްޒެކެޓިވް، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.
ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ދެއްވި މަޢުލޫމާތުގައި، އެ ކުލަސްޓަރގައި ހިމެނޭ ހއ. ދިއްދޫގައި މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި، ކުޅުދުއްފުށީ ސިޓީގެ މަސައްކަތް މި މަހުގެ 24 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މި މަހުގެ 25 ގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ “ޢީދު ލައިޓު” ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، އެންމެ އުތުރުގެ 3 އަތޮޅުން އަލަށް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަން، ށ. މިލަންދޫ އަދި ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި ސްޕީކަރުތައް މި މަހުގެ 24 ގައި ފޮނުވޭނެއެވެ.
ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލްތަކާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ އެހީތެރިކަމާއެކުގައެވެ. ޢީދަށް ދިއްލުމަކީ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އަތޮޅުތެރޭގައި ޢީދު ދިއްލުން ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް ޢީދުގެ އުފާވެރިކަން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

