އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފާއިދާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައާ ގުޅިގެން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ތ. ބުރުނީ މޫނިމާގެ، އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް އާއި، ގ. ހެޕީ ސައިޑްގެ އުމުރުން 37 އަހަރުގެ އިބްރާހިމް އަހުމަދު، އަދި ހަމަ އެގޭގެ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާނެވެ.
މި މައްސަލައާ ގުޅިގެން މިއަދު އިތުރު އެއް ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މ. ހާޒާރީ މަންޒިލްގެ އުމުރުން 40 އަހަރުގެ އަހުމަދު ލައްސާނެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މީގެ އިތުރުން، ހުކުރު ދުވަހު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން ވަކި ކުރެވުނު މުޙައްމަދު ޝަމްޢާން ވަޙީދުގެ ވަނަވަރު ވެސް ވަނީ ހާމަކޮށްފައެވެ
އިމިގްރޭޝަންގެ މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކެއް ހިންގަމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ. ޝަމްޢާންގެ ބަންދު މުއްދަތުގެ ގޮތުގައި ވަނީ 15 ދުވަސް ކަނޑައަޅާފައެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރުމަށްފަހު، އެތަނުން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ އެއް ދުވަސް ފަހުން، އޭރުގެ ކޮންޓްރޯލަރ ޖެނެރަލްގެ އަމުރަށް 530,000 ދިވެހި ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގެ ތަޙުޤީޤާ ގުޅިގެން ކުރީގެ ކޮންޓްރޯލަރ ޝަމްޢާންގެ އާއިލީ މެންބަރެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

