މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިން އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު އޮފިސަރަކު އާދީއްތަ ދުވަހުގެރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މ. ހަޒާރީވިލާ، މާލެ، އުމުރުން 40 އަހަރުގެ އަޙުމަދު ލައްސާން ކަމަށެވެ. މި މައްސަލައިގައި މީގެ ކުރިން މި މަހުގެ 20 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް، މުޙައްމަދު ޝަމްޢާން ވަޙީދާއި، އިތުރު ތިން މުވައްޒަފެކެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުންތަކެއް ވަނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ހޯދާފައެވެ.
ކުރީގެ ކޮންޓްރޯލަރ ޖެނެރަލްގެ އަމުރަށް 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީމީހާ ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަން ވަނީ ހާމަވެފައެވެ. އަދި މި ގެ ބަލައި ފާސްކުރުމުގައި ބައިވެރިވި މުވައްޒަފުން، އެ ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދުމަށްފަހު މުޙައްމަދު ޝަމްއާން ވަޙީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަންވެސް ތަޙުޤީޤަށް އެނގިފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.

