މާލޭގެ ގެއަކަށް ވަދެ ވެރިފަރާތަށް ބިރުދައްކައި، ގެއަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މާރޗް 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރުދައްކައި، ގެއަށް ގެއްލުން ދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.
އެއީ، އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް (23އ)، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހްނަފް (21އ)، ނ. މަނަދޫ، ހަވޭލީ، މުހައްމަދު އަޒަން (23އ)ގެ އިތުރުން ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)އެވެ.
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖެހުމަށް ވަނީ އަމުރުކޮށްފައެވެ. އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އެ މީހުން ބަންދުގެ މުއްދަަތު ވަނީ އިތުރު 15 ދުވަހަށް ބަންދުކޮށްފައެވެ.

