ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރުގެ މަޤާމަށް އަލްފާޟިލް އަޙްމަދު މަޢުޞޫމް އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ ޞިއްހީ ވުޒާރާގެ ދަށުން ހިންގަމުންގެންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަޙްމަދު މަޢުޞޫމް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އަޙްމަދު މަޢުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މީގެ ކުރިން މަޢުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައެވެ.
ޞިއްހީ ވުޒާރާއިން ވިދާޅުވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާއި ޑިރެކްޓަރެއްގެ މަޤާމަށްވެސް ދެ ބޭފުޅުން ވަރަށް އަވަހަށް އައްޔަނުކުރެވޭނެ ކަމަށެވެ. ސިއްޙީ ވުޒާރާއިން މިއަދު ހާމަކުރެއްވި ގޮތުގައި، މި މަރުކަޒަށް ފިޒިޝަނަކާއި ފަސް ނަރުހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެއިތުރުން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ހޮސްޕިޓަލެއްގެ ފެންވަރަށް ރަނގަޅުކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށްވެސް ނިންމަވާފައިވެއެވެ.

