ކ. ތުލުސްދޫގައި އަލަށް ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ މެންދުރު ސްޓެލްކޯ ހެޑްއޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއުއެވެ. މި މަޝްރޫޢުގެ އަގަކީ 11،954،501 ރުފިޔާ ކަމަށާއި، 175 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށާއި، މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ އެ ކުންފުނީގެ ޚިދުމަތަށް ނެގުނު ފުރަތަމަ ރަށަކީ ތުލުސްދޫ ކަމަށެވެ. އަދި މިހާރު އަލަށް ހިއްކި ސަރަހައްދަށް އިންޖީނުގެ ބަދަލުކުރެވެނީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމްގެ ސިޔާސަތުގެިޔާސަތުގެ ދަށުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، މި މަޝްރޫޢު ފެށުމަކީ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި އިންޖީނުގެ އާއެކު ތުލުސްދޫގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

