ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އިންޒާރު ދެއްވިކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ އެއްވެސް ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މި މައްސަލައަކީ މާޗް 14 ވަނަ ދުވަހުގެ ރޭ 7:04 ހާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރުދައްކައި އިންޒާރު ދެއްވިކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. ފުލުހުން މި މައްސަލަ ތަޙުޤީޤުކުރުމަށްފަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ޤާނޫނުލްޢުޤޫބާތުގެ ދަށުން އިންޒާރެއް ދިންކަމަށް ބެލެވޭނީ “މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފި” ނަމައެވެ.
ޙުސައިން ފިޔާޒު މޫސާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ “ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް” ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ޤާނޫނީ ގޮތުން އިންޒާރު ދިނުމުގެ ޢަމަލެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން، މި މައްސަލައިގައި ޖިނާއީ ދަޢުވާއެއް ކުރެވޭނެ ހަމައެއް ނެތްކަމަށް ނިންމައި، ދަޢުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

