އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްޓަކައި 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިއީ ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އައްޑޫއަށް ފޮނުވާ ތިންވަނަ ޖަނަރޭޓަރެވެ.
މިދިޔަ ތިން މަސް ތެރޭގައި އައްޑޫއަށް ފޮނުވާ ދެ ޖަނެރޭޓަރު ފޮނުވައި އެތަކެތި އިންސްޓޯލްކޮށް ބޭނުންކުރަންވެސް ވަނީ ފަށާފައެވެ.
ފެނަކައިން ރޭ “އެކްސް” ގައި ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެކަމާ ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިއްޔެ ކަރަންޓު ކެނޑުނު ސަބަބަކީ އެއް ޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ މަރާމާތު ކުރަމުންދަނިކޮށް އަނެއް ޖަނަރޭޓަރު ވެސް ހަލާކުވުމެވެ. ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާރު އެއް ޖަނަރޭޓަރު މަރާމާތުކޮށް ނިމި، އަނެއް ޖަނަރޭޓަރުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން 12 މެގަވޮޓުގެ ކަރަންޓު ބޭނުންވާއިރު، ހިތަދޫގައި 26.8 މެގަވޮޓުގެ ކެޕޭސިޓީ ހުރި 20 ޖަނަރޭޓަރު ސެޓް ހުރެއެވެ. ނަމަވެސް ގިނަ ޖަނަރޭޓަރުތަކެއް ހަލާކުވެފައިވުމާއެކު، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކަރަންޓު ކެނޑޭ މައްސަލަ ވަނީ އިތުރުވެފައެވެ.
ރޯދަމަހަށް މި މައްސަލަ ހައްލުކުރާނެ ކަމަށް ސަރުކާރުން ވަޢުދުވެފައިވީ ނަމަވެސް، ޖަނަރޭޓަރުތަކަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވުމާއި، ރޯދަމަހުގެ ހަވީރު ގަޑީގައި އޯވަލޯޑްވުމުގެ ސަބަބުން އެކަން ވަނީ ކާމިޔާބު ނުވެފައެވެ.

