2032 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރޭލިއާގައި 63،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް އިމާރާތްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އޮލިމްޕިކްސްގެ އިތުރުން އެހެނިހެން ބޮޑެތި ކުޅިވަރު މުބާރާތްތަކަށް ވެސް ބޭނުންކުރެވޭނެހެން އިމާރާތްކުރާ މި ސްޓޭޑިއަމްގެ އިތުރުން އޮލިމްޕިކްސްއަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ އިމާރާތްތަކެއް އަޕްގްރޭޑްކުރާނެ ކަމަށް ކުއީންސްލޭންޑްގެ ޕްރިމިއަރ ޑޭވިޑް ކްރިސަފުލީ ވަނީ ވިދާޅުވެފައެވެ.
2032 ވަނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. މިއީ އޮސްޓްރޭލިއާގައި ބާއްވާ ތިންވަނަ އޮލިމްޕިކްސް މުބާރާތް ކަން ފާހަގަކޮށްލެވެއެވެ.
އޮސްޓްރޭލިއާއިން ވަނީ މީގެ ކުރިންވެސް އޮލިމްޕިކްސްގެ އިންފްރާސްޓްރަކްޗަރއަށް 4 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
މި ސްޓޭޑިއަމް އެޅިގެން ދިޔުމަކީ އޮސްޓްރޭލިއާގެ ކުޅިވަރުގެ އާއިލާއަށް ލިބުނު ވަރަށްް އުފާވެރި ޚަބަރެކެވެ.

