ސިޔާސީ ކަންކަމުގައި ހިޔާލުފާޅު ކުރާއިރު އިންސާނީ ކަރާމާތަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ހަޖޫ ޖެހުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިއެވެ.
އިސްލާމިކް މިނިސްޓަރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، އެފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މި މައްސަލަ ފާހަގަކުރެވުނީ ރާއްޖެ ޓީވީން ރޭ ދެއްކި “ކާލާބައިސާ” ނަމަކަށް ކިޔާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ސިޔާސީ ވާހަކަތަކާ ގުޅުވައިގެން އެފަދަ ކުދިންނަށް ހަޖޫ ޖެއްސުމުންނެވެ.
ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަ ދައްކަމުން، ޕާޕާ ފަޔާޒު ވަނީ ރައީސްއަށް ނިސްބަތްކޮށް އޮޓިސްޓިކް ގޮތެއް އެމަނިކުފާނުގެ ހުންނަ ކަމަށާއި އެމަނިކުފާނުގެ އަމަލުތައް ހުންނަނީ އޮޓިސްޓިކް ކުއްޖެއްގެ އަމަލުތައް ހުންނަ ގޮތަށް ކަމަށް ވިދާޅުވެ މަލާމާތް ކުރައްވާފައެވެ. މީގެ އިތުރުން، މޮސްޓާ ވަނީ ރައީސްއަކީ “އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވޭ” ކަމަށް ވިދާޅުވެފައެވެ.
މި ހާދިސާއާ ގުޅިގެން، އިސްލާމިކް މިނިސްޓަރުގެ ބަޔާނުން ސާފުވަނީ މިފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް، ސިޔާސީ ބޭނުމަށް އެފަދަ ބަސްތައް ބޭނުންކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި ސިޔާސީ ބަހުސްތަކުގައި އިންސާނީ ކަރާމާތަށް އިޙްތިރާމްކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

