ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންނާ ގުޅުވައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ މައްސަލަ ބަލައި، ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިރޭ ބުނެފިއެވެ.
"ކާލާ ބައިސާ" ނަމުގައި މީގެ ދެ ދުވަސް ކުރިން ގެނެސްދިން ޕްރޮގްރާމެއްގައި، ޕީއެންސީގެ އިސް މެންބަރު އަދި ސިފައިންގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒު އަލީ (ޕާޕާ) އާއި ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ރައީސް މުއިއްޒަށް ނިސްބަތްކޮށް އޯޓިސްޓިކް އަދި ޑައުން ސިންޑްރޯމްއާ ގުޅުވައި ވާހަކަދައްކާފައެވެ.
މި މައްސަލައާ ގުޅިގެން ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިދޭ ރައްކާތެރިކަމާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ،" ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި ބްރޯޑްކޮމްއިން ވަނީ ހުރިހާ ބްރޯޑްކާސްޓަރުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިހްތިރާމްކޮށް، އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް އިލްތިމާސްކޮށްފައެވެ.

