އެޗްޑީސީގެ ތެރެއިން ގިނަ އަދަދެއްގެ ހިޔާނާތް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓިފައިވާ އެންމެހާ ފަރާތްތަކުގެ ޕާސްޕޯޓުތައް ދޫކޮށްލައިފިއެވެ. މީގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓުވެސް ހިމެނެއެވެ.
މި މައްސަލައަކީ މާލޭ މީހުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނަން ނުހިމެނޭ ބަޔަކަށް އެޗްޑީސީން ފަހުން ގޯތި ދިން މައްސަލައެކެވެ. މި މައްސަލައާއި އެހެނިހެން ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު 20 މީހެއްގެ ޕާސްޕޯޓު ފުލުހުންގެ ތަހުގީގަށް ހިފެހެއްޓުނެވެ.
ފުލުހުންގެ ހުވަދޫމީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިހާރު ޕާސްޕޯޓުތައް ވާނީ އެންމެނަށް އެމީހެއްގެ ޕާސްޕޯޓު ހަވާލުކުރެވިފައި ކަމަށާއި މިހާރު އެފަދަ އެއްވެސް މައްސަަލައެއް، ޕާސްޕޯޓާ ގުޅޭފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ފަޒުލް އާއި ފަޒީލް ވެސް ހިމެނޭހެން 24 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓީ، އެހުރިހާ ޕާސްޕޯޓު މިހާރު ވާނީ އެމީހުންނާ ހަވާލުކޮށްފައ،" ފުލުހުން
މީގެ ކުރިން މި މައްސަލައިގައި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލާފައިވާއިރު، މިހާރު ވަނީ ބާކީ ތިބި އެންމެންގެ ޕާސްޕޯޓުވެސް ދޫކޮށްލާފައެވެ.
މި މައްސަލަ ފެންމަތިވުމާއެކު އެޗްޑީސީގެ އޭރުގެ އެމްޑީ ފަޒުލް ވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތެއް ދޮގުކުރައްވައި، މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެހެންނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާއެއް ކުރެވިފައެއް ނުވެއެވެ. އަދި މި ތަހުގީގުގެ މިހާރުގެ ހާލަތާއި ކުރިއަށްދާ ގޮތުގެ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

