ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ރޭ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ހެރިޓޭޖް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ “މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް،” ކަމަށެވެ.
ދާދިފަހުން، ހެރިޓޭޖް މިނިސްޓްރީން ވަނީ މިމަހުގެ ދިހަވަނަ ދުވަހު އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަޝްރޫއުގައި ވެސް އާރުޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ސަރުކާރުން ޤައުމީ ތަރިކަ ރައްކާތެރިކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

