ރާއްޖެ ޓީވީގެ "ކާލާ ބައިސާ" ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްވާގޮތަށް ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކުށްވެރިކޮށްފިއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބްރޯޑްކާސްޓްކުރި މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، އެފަރާތްތަކަކީ ދަށް ބައެއްގެ ގޮތުގައި ދައްކައި، މަލާމާތްކުރާ ގޮތަށް ވާހަކަދައްކާފައިވާކަން ފާހަގަކޮށް، އެކަން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.
އެޗްއާރުސީއެމުން އިތުރަށް ބުނެފައިވަނީ، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިންސާނީ ޙައްޤުތައް އެއްހަމައެއްގައި ލިބިދީފައިވާ ކަމަށާއި، ކޮންމެ މީހަކަށްވެސް އަބުރުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް ގޮވާލައި، މީޑިއާތަކުން ކޮންޓެންޓް ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ޙައްޤާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް ހުރިހާ މީޑިއާތަކަށް ގޮވާލާފައެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށްވެސް ގޮވާލާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

