މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން މާލޭގައި "އީދު ހަވީރު"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކުރި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، އީދު ހަވީރު އޮންނާނީ މާލޭ ސުލްޠާން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ކުދިބޮޑު އެންމެނަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އީދު ހަވީރުގައި ހިމެނޭނެ ހަރަކާތްތަކުގެ ތެރޭގައި
- މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި
- އީދު ހަދިޔާ ދިނުން،
- ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްސަ ހަރަކާތްތައް،
- އެކި ފަންނުވެރިންގެ ހުށަހެޅުންތައް،
- ކުޅިވަރުކުޅުމާއި
- ޚާއްސަ އެކި ފަރާތްތަކާ ބައްދަލުވުމުގެ ހަނދާނީ ވަގުތުތައް
އެމްއެންޑީއެފްއިން ބުނި ގޮތުގައި، އީދު ހަވީރަކީ އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ދިނުމަށް މާލޭގައި ބާއްވާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުން ކަމަށްވެސް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.

