އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ސިލްސިލާ މިޔުޒިކް ޝޯވް ތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން ނިންމައިފިއެވެ. ދިވެހި ޤައުމީ މިމެޗުން މޮޅުވެއްޖެ ނަމަ ސިލްސިލާކޮށް މިޔުޒިކް ޝޯވްތައް ފައިނަލް މެޗާއި ހަމަޔަށް ބޭއްވުމަށް ވަނީ އެމިނިސްޓްރީ އިން ނިންމާފައެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގިނަ ބަޔަކު ބައިވެރިކޮށްގެން މާދަމާގެ މެޗުގައި ފޯރި ގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓްރީއާއި އުރީދޫގެ އިތުރުން އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯތަކެއް ކުރިއަށްގެންދަން ވަނީ ރާވާފައެވެ. މަހުލޫފް ވިދާޅުވީ މާދަމާ ރޭގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމައަށް ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް މި ޝޯ ކުރިއަށް ގެންދާނެ ކަމަށެވެ.
މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ވިއްކަން ހަމަޖެއްސި 3000 ޓިކެޓު މިހާރު ވަނީ ވިކި ހުސްވެފައެވެ. ޓިކެޓު ހޯދަން ކިޔޫ ހެދި އެންމެނަށް ޓިކެޓު ނުލިބުމުން ބައެއް ފަރާތްތަކުން ނުރުހުން ވެސް ފާޅުކޮށްފައިވެއެވެ.
މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވަމުން އަންނައިރު، މެޗަކަށް ވުރެ މެޗެއްގެ ފޯރި އަންނަނީ ގަދަވަމުންނެވެ.
ކާނިވާ ސަރަހައްދުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ ބޮޑު ސްކްރީނުން ވެސް އަންނަނީ ވަގުތުން ދައްކަމުންނެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުން މެޗުތައް ބޮޑު ސްކްރީނުގައި ވަގުތުން ދައްކަން ނިންމީ، ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖެ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކަމަށެވެ.

