ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ތައްޔާރުކުރަމުންދާ އިމާރާތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މި އިމާރާތަކީ ހުޅުމާލޭގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް ނިމެންދެން، ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމަށް ތައްޔާރުކުރަމުންދާ އިމާރާތެކެވެ. ރައީސް ޑރ މުޢިއްޒުގެ މިއަދުގެ ޒިޔާރަތުގައި އިމާރާތުގެ ޕްލޭންތައް ބައްލަވާލެއްވުމާއެކު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރުގެ އަރިހުން މަޝްރޫޢުގެ ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް ވަޒީރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު ނިމުމުން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ވަގުތީ ހައްލެއް ލިބި، ޝަރުޢީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

