މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތްކުރަމުން އަންނަ، ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ޖާގަ 500 މީހުންނަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވި ގޮތުގައި މިހާރު އެ ސެންޓަރުގައި ހުރީ 200 މީހުންގެ ޖާގައެވެ. އަދި ސަރުކާރުން ނިންމާފައިވަނީ މި ދައުރުގައި އެ ޖާގަ 1,000 މީހުންގެ ޖާގައަށް އިތުރުކުރުމަށެވެ.
"ފަރުވާއަށް ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިހާރު ހުރި މަރުކަޒުތަކުގައި އެކަށީގެންވާ ޖާގަ ނެތް. މިހާރު އިތުރު 500 މީހުންގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވ،" ރާޝިދު ވިދާޅުވިއެވެ.
ރާޝިދު އިތުރަށް ވިދާޅުވި ގޮތުގައި އިތުރުކުރެވޭ 500 ޖާގައިގެ ތެރެއިން 450 ޖާގަ ޚާއްސަ ކުރަނީ ފަރުވާއަށް ބޭނުންވާ ކުދިންނަށެވެ. އަދި ބާކީ 50 ޖާގަ ޚާއްސަކުރަނީ ޑުއަލް ޑައިގްނޯސިސް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށެވެ. މި މަސައްކަތް ކުރިއަށްދަނީ ދާޚިލީ ވުޒާރާގެ ބަޖެޓުގެ ތެރެއިންނެވެ.
ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުނީ 1997 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. މި ސެންޓަރުގެ މަޤްޞަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމެވެ.
ރާއްޖޭގައި މިހާރު ހުރީ ޖުމްލަ 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެވެ. މި ސެންޓަރުތަކުން އެއްފަހަރާ ފަރުވާ ދެވެނީ ގާތްގަނޑަކަށް 570 އެއްހާ މީހުންނަށެވެ. ނަމަވެސް އެންޑީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ފަރުވާއަށް ޙުކުމްކޮށް ފަރުވާ ދޭން ނުފެށި 100 އެއްހާ މީހުން މިހާރުވެސް އެބަތިއްބެވެ.

