ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ނެރެން އުޅުނު މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހަކު ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭގަނޑު ހައްޔަރުކުރެވުނު ދެ މީހުންނަކީ މ. ސިލްވާ ނެސްޓްގެ އަހްމަދު އަފްސަލް (48 އަހަރު) އާއި ދަފްތަރު ރސ. 14358 ގެ ޔޫސުފް ނަޒީރު (38 އަހަރު) ކަމަށެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު، ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މިމައްސަލަ ކަސްޓަމަސްއަށް ހުށަހަޅާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު 6:20 ހާއިރު އެވެ. ކަސްޓަމްސްއިން ބުނެފައިވަނީ ޑިޕާޗާ ހޯލުން ޑަސްޓްބިން ކޮތަޅުތަކަށް އަޅައިގެން ވަގަށް ސިނގިރޭޓު ކާޓޫންތަކެއް ނެރެން އުޅުނު މައްސަލައެއް ތަޙުޤީޤުކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެހެންނަަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އެއް ފަރާތަކީ ފުލުހުންގެ އޮފިސަރެއް ކަމަށެވެ. މި ވާހަކައާ ގުޅޭގޮތުން ފުލުހުންނާއި ކަސްޓަމްސްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

