ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 24 ޙާފިޡުންނަށް ސަނަދު ދެއްވައި، ޙާފިޡުންނަށް ދެއްވާ އިނާޔަތް ދެގުނައަށް ބޮޑުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ތާރީޚީ ރަސްމިއްޔާތުގައި ދަސްވެނިވި ޙާފިޡުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމަށް ބޭއްވުނު ފުރަތަމަ ރަސްމީ ޙަފްލާއެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން، ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ވަނީ ފުޅާވެފައެވެ. މިގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގުމަށް ނިންމުމާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތައް މިހާރު ހިންގަމުން ގެންދެއެވެ.
އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ހުއްޓިފައިވާ ގޮފިތައް އަލުން ފެށުމަށް 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ގެނެސް، 7 ރަށެއްގައި އަލަށް ސެންޓަރުތައް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން ހުޅުމާލެ އާއި ވިލިމާލޭގައިވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް ޤާއިމުކޮށް، ކިޔަވައިދިނުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މިހާރު 630 ދަރިވަރުން ކިޔަވަމުން ދާއިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުން ދެއްވާ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން ފާހަގަކުރެވެއެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

