ހަމައެކަނި ގުރުއާން ހިތުދަސްވުމުން ނުފުދޭ ކަމަށާއި، ގުރުއާނަކީ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަމަލީ ގޮތުން ބޭނުންކުރަންޖެހޭ އެއްޗެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ގުރުއާން ހިތުދަސްކުރި ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކީރިތި ޤުރުއާނަކީ މުސްލިމުންގެ ގައިޑް ބުކްކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކުރަންވީ ގޮތް ބަލައި ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ވާންވީ ﷲ ސުބްހާނަހޫ ވަތައާލާ ދެއްވާފައި އޮތް އެކަލާނގެ ފޮތް ކަމަށްވާ ކީރިތި ގުރުއާން ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރެވިގެން ދާންޖެހޭނީ ގުރުއާނުގައިވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ގައިޑް ބުކް އަކީ، އަޅުގަނޑުމެން އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކުރަންވީ ގޮތް ބަލާ، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ވާންވީ ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ގުރުއާން،” ރައީސް ޑރ މުއިއްޒު
ނަމަވެސް، ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި މިހާރު އަމަލުތައް ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ދިވެހިންގެ ތެރޭގައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި ދެބައޮޑުވުމާއި ނެތިމޮށުމާއި ދޮގު ވާހަކަތައް އޭގެ އިންތިހާއަށް ފެތުރުން ފަދަ ގޯސް ހުރިހާ އާދައެއް މިހާރު އެބަ އޮތް ކަމަށެވެ. އިސްލާމްދީނާއި ކީރިތި ޤުރުއާނުގައި އެކަންކަން ނުކުރުމަށް އަންގަވައި އެކަންކަމާ ދުރުވުމަށް އަމުރުކުރައްވައި އަންގަވާފައިވާ ހުރިހާ ކަމެއް މިސައްތައިންސައްތަ އިސްލާމީ ގައުމުގައި ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭކަމަށެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެސް އަބުރަށް އަރައިގަތުމާއި ކުޑަ ޖަމާއަތުގެ ތެރޭގައި އިންސާނީ ކަރާމާތަށް އަރައިގަތުންފަދަ ކަންކަން މިކުޑަކުޑަ ޤައުމުގައި ބޮޑަށް ފެތުރިފައި އޮތްކަމަށާއި އެއީ ޤުރުއާނުގައި އުޅެން އަންގަވާފައިވާ ގޮތްނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާއި ޤުރުއާނަކީ ކޮންމެ ދުވަހަކުވެސް އަމަލު ކުރާ ފޮތަކަށް ހަދަންޖެހޭ ކަމަށާއި އެހެން ނޫނީ އިންސާނީ ކަރާމާތް ނެތިގެން ހިނގައިދާނެ ކަމަށްވެސް ރައީސް ވަނީ ވިދާާޅުވެފައެވެ.
“އަޅުގަނޑުމެންގެ އެކަކު އަނެކަކުަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތި މޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް. ގޯސް ހުރިހާ އާދައެއް. އިސްލާމްދީނުގައި، ގުރުއާނުގައި މަނާކުރައްވާފައިވާ، އެކަންކަމާ ދުރަށް ދާން އަންގަވާފައިވާ ހުރިހާ ކަމެއް މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި މި ކުރަނީ،”
“ވިސްނާލަންޖެހޭ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެސް އަބުރަށް އަރައިގަންނަނީ، ކުޑަ ޖަމާއަތުގެ ތެރޭގައި އިންސާނީ ކަރާމާތަށް އަރައިގަންނަނީ، އެޔެއް ނޫން ޤުރުއާނުގައި އަންގަވާފައިވާ ގޮތަކީ؛ އަޅުގަނޑުމެން އެބެޖެހޭ ޤުރުއާނަކީ ކޮންމެ ދުވަހަކުވެސް އަމަލު ކުރާ ފޮތަކަށް ހަދަން! އެހެން ނޫނީ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ!” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ގިނަ ކުދިންތަކެއް ގުރުއާން ހިތުދަސް ކުރުމަށް ބާރުއަޅުއްވައި، އެކަމަށް މަސައްކަތް ކުރުމަށް ރައީސް ޑރ މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
ސަރުކާރުގެ އެންމެ މަތިވެރި ޒިންމާއަކީ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށާއި، އެއަށްވުރެ އިސްކަންދޭނެ ސިޔާސަތެއް މި ސަރުކާރުގައި ނޯންނާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ގުރުއާނާ ބެހޭ ޚާއްސަ ވަގުފު އިމާރާތެއް އެޅުމަށް މާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށާއި، ސަރުކާރު ހުޅުވުމުން އެކަމާ ގުޅޭ ސިޓީ އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. މި ވަގުފު އިމާރާތް އެޅިގެން ދިޔުމުން އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް ވާނެ ކަމަށާއި، ފިކުރީ އަދި ހުރިހާ މާނައެއްގައި ވެސް މުހިންމު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

