ކީރިތި ޤުރުއާނާ ބެހޭ ވަޤުފް އިމާރާތް އެޅުމަށް މާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ 24 ޙާފިޡުން ދަސްވެނިވުމުގެ ފުރަތަމަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިވަޤުފް އިމާރާތާ ބެހޭ ސިޓީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް އަވަހަށް ފޮނުއްވާނެއެވެ. އަދި މި އިމާރާތަކީ ފިކުރީ އަދި އެހެނިހެން ގޮތްގޮތުންވެސް މުހިންމު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށާއި، އޭގެ ފުރިހަމަ ނަތީޖާ ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެނީ އަދި އަމަލީ ގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަސްރުދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މިސަރުކާރުގަ ނޯންނާނެ،” ރައީސް ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، 24 ހާފިޒުން ދަސްވެނިވުމަކީ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއް ނަމަވެސް، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން މިއަށްވުރެ މަތީ އުއްމީދުތަކެއް ބާއްވަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދަދު އެތައް ގުނައަކުން އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތާއި އަޒުމްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަސްވެނިވި ހާފިޒުންގެ ތެރެއިން ގިނައީ ޒުވާން ކުދިންކަން ފާހަގަކުރައްވައި، އިތުރު ކުދިން ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ޤައުމުގައި އިސްލާމްދީނަށް ނަސްރުދިނުމަށް ކުރެވޭ ކޮންމެ މަސައްކަތަކުން ނުކުންނާނީ ހެޔޮ ނަތީޖާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

