އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިންޑިއާއިން ގެނެސްފައިވާ 1.8 މެގަވޯޓުގެ އިންޖީނު އައްޑޫއަށް ގެންގޮސްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ގެނައި އިންޖީނު އުފުލި ދޯނި މިހާރު އައްޑޫގައި ބަނދަރު ކޮށްފައިވާ ކަމަށެވެ. އަދި އިންޖީނު އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 48 ގަޑިއިރުގެ ތެރޭގައި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުންދާ ކަމަށެވެ.
ރޯދަމަސް ފެށުނު ފަހުން ވެސް އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑި، ރައްޔިތުންނަށް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ. މި މައްސަލަ ދިމާވެފައިވަނީ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން ކަމަށް ފެނަކައިން ވަނީ ކުރިން ބުނެފައެވެ.
ފެނަކައިން އިތުރަށް ބުނެފައިވަނީ، “ކަރަންޓު ކެނޑުމުގެ ތަކުލީފުތަކާއެކު ވެސް، އައްޑޫގެ ރައްޔިތުން ކެތްތެރިކަން އިސްކޮށް ދައްކާ ނަމޫނާއާއި، މައްސަލަތައް ހައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ” ކަމަށެވެ.

