ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓާމިނަލުން ޑަސްބިން ބޭގުތަކަށް ސިނގިރޭޓު ކާޓޫންތަކެއް އަޅައިގެން ނެރެން އުޅުނު ފުލުހުންގެ ސާޖަންޓް ޔޫސުފް ނަޒީރު މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެއަރޕޯޓުގައި ޑިއުޓީ އަދާކުރާ ފުލުހެއް ކަމަށްވާ ސާޖަންޓް ނަޒީރު ސަސްޕެންޑް ކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.
ސާޖަންޓް ޔޫސުފް ނަޒީރު މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައި މިވަނީ އިއްޔެ ހެނދުނު 6:20 ހާއިރު ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގައި ސާޖަންޓް ނަޒީރުގެ އިތުރުން މ. ސިލްވަނެސްޓްގެ އަހްމަދު އަފްސަލް (45 އަހަރު) ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މައްސަލަ ބެލުމަށްފަހު ކޯޓުން ވަނީ ދެ މީހުން ވެސް ބަންދުން ދޫކޮށްލާފައެވެ.
މި މައްސަލައިގައި ޑަސްބިން ބޭގުތަކުން ފެނުނު ސިނގިރޭޓު ކާޓޫންތަކުގެ އަދަދު އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މި ވަގުތު މައްސަލައިގެ ތަހުގީގު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރިއަށް ގެންދާ ކަމަށް އެ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ.

