އަންނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކީ ވެސް ސްކޫލު ދަރިވަރުންނަށް މުޅިން ބަންދު މަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓަރަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރަމަޟާން މަހަކީ އަޅުކަމަށް އިތުރު ޚާއްސަ ކަމެއް ދޭ މަހަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑު ވާނީ މިހާރު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފަ، ބައްލަވައިދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގަ ވެސް މުޅި ރަމަޟާން މަސް ބަންދު ކުރެވޭނެ ގޮތް ހަމަޖެއްސޭތޯ. އެއްވެސް ވަރަކަށް ކިޔަވައިދޭ ދުވަސްތައް ނުވަތަ ގަޑިތައް ނުގެއްލޭނެ ގޮތަކަށް މުޅި އަހަރުތެރެއަށް ހަމަޖައްސައިގެން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއަހަރުގެ ރަމަޟާން މަހަކީ ސްކޫލު ކުދިންނަށް މުޅިން ބަންދު މަހެއްގެ ގޮތުގައި ހަމަޖެހިފައިވީ ނަމަވެސް، އެއީ ކުރިން ރޭވިގެން ނިންމި ގޮތެއް ނޫން ކަމަށާއި، އެކަޑަމިކް ކަލަންޑަރަށް ގެނެވުނު ބަދަލާ ގުޅިގެން ދިމާވި ކަމެއް ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރަމަޟާން މަހު އަޅުކަމަށް ދޭ އިސްކަން އިތުރުކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމާއި، ދީނީ ކަންކަމަށް ދަރިވަރުން ލޯބި ޖެއްސުމަށް އިތުރު ބާރެއް ދިނުމުގެ ގޮތުން މި ނިންމުން ނިންމެވުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިއީ ބެލެނިވެރިން ވެސް ބަލައިގަންނަ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

